ދުނިޔޭގެ ކުޅި ފާ ޗަސްބިން ފަދަ ޤުދުރަތީ ނިޒާމުތަށް ހިމާޔަތް ކުރުމުގެ ބައިނަލް އަޤުވާމީ ދުވަސް 26 ޖުލައި ގައި ފާހަގަ ކުރާއިރު، ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމަށް ގުޅިގެން މަސައްކަތް ތަކެއް ކުރަމުން ދިއުން
ކުޅި ފާ ޗަސްބިން ފަދަ ޤުދުރަތީ ނިޒާމުތަށް ހިމާޔަތް ކުރުމުގެ ބައިނަލް އަޤުވާމީ ދުވަސް ފާހަގަކުރާއިރު، ރާއްޖެއަކީ މިފަދަ ނިޒާމުތަކުގެ ޤައުމެއްކަމާއި މި ޤުދުރަތީ ނިޒާމުތަކަކީ އޭގެ ޒަރިއްޔާއިން ރާއްޖޭގެ އެތައް ރަށްރަށެއް ހިމާޔަތްކުރެވި އަދި އެ ރަށްތަކަށް ޚިދުމަތްތަކެއް ކުރާ އަސާސީ ވެށްޓެއް ކަމަށް ރާއްޖޭގެ ރައްޔިތުންނަށް އަންގައިދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. ރާއްޖޭގެ އެތަށްރަށަކާއި އެ ރަށްރަށުގެ ރައްޔިތުންގެ ވިލުންވެރިކަން ބަރޯސާވަނީ މި މުއްސަނދި، މުހިންމު އަދި އޭގެޒާތުގައި މަދު ޤުދުރަތީ ވަސީލަތް ތަކަށެވެ، އަދި މީގެ އިތުރުން މި ވަސީލަތްތަކަކީ މޫސުމަށް އަންނަ ބަދަލުތަކުން ރަށްތައް ރައްކާތެރި ކޮށްދޭނެ ދިފާއީ ނިޒާމުވެސް މެއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސޭވް މޯލްޑިވްސް ކެމްޕޭނާއި މެންގްރޯވް އެކްޝަން ޕްރޮޖެކްޓް އަދި ހދ. ނޭކުރެންދޫ ރަށު ކައުންސިލް ގުޅިގެން ނޭކުރެންދޫ ކުޅީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ފެށުނެވެ. މި މަސައްކަތް ކުރަން ފެށުނު ސަބަބަކީ މި އަހަރުގެ މާރިޗް މަހުން ފެށިގެން، ރާއްޖޭގެ އުތުރުގެ ރަށެއް ކަމުގައިވާ ނޭކުރެންދޫގެ ކަނޑޫފަލުގެ ކަނޑޫގަސްތަކުގެ ބޮޑު ބައެއް ވަކި ސަބަބެއް ނޭނގި ކުއްލިއަކަށް މަރުވާން ފަށާފައިވާކަމުގެ ޚަބަރުތަކެއް ލިބުމުންނެވެ.
ނޭކުރެންދޫ ކަނޑޫފަލަކީ 30 ޑިސެމްބަރު 2018 ގައި ތިމާވެށީގެ ގޮތުން ޚާއްސަ ވެށްޓެށް ކަމަށް ކަނޑައަޅާ ޤައުމީ ފެންވަރުގައި ހިމާޔަތްކުރެވިފައިވާ ފަލެކެވެ. އަދި އެ ކަނޑޫފަލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ޤުދުރަތީގޮތުން ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ ކަނޑޫފަލެކެވެ. މި ކަނޑޫފަލުގެ ވަސީލަތަކީ އެނިޒާމުން ލިބޭ އެހެން ޚިދުމަތްތަކުގެ އިތުރުން އެ ސަރަހައްދުގެ މީހުންގެ ކޭންބުއިމަށްވެސް މުހިންމު ވަސީލަތެކެވެ. ސޭވް މޯލްޑިވްސް ކެމްޕޭން ދެކޭ ގޮތުގައި މިފަދަ ޤުދުރަތީ ވެށިތަކަކީ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓި، އިޔާދަކުރަނިވި ގޮތެއްގައި މެނޭޖް ކުރެވި، ހިމާޔަތްކުރެވެން ޖެހޭނެ ވަސީލަތް ތަކެކެވެ. އަދި މިކަމަކީ ރަށާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ވިލުންވެރިކަމަށް މުހިންމު، އަދި ޚާއްސަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ކުއްލި ހާލަތު އަދު ދިމާވެފައިވާ އިރު ވަރަށްވެސް މުހިންމު ކަމެކެވެ.
ނޭކުރެންދޫ ކަނޑޫފަލުގައި ގިނަގަސްތަކެއް ކުއްލިގޮތަކަށް މަރުވާން ފަށާފައިވާ މައްސަލަ އިތުރަށް ދިރާސާކޮށް ދެނެގަތުމަށްޓަކައި ކަމުގެ ފަންނީ ސައިންޓިސްޓުންނާއި އެހެނިހެން މާހިރުންނާއި ގުޅިގެން މިކަން ބެލުމުގެ ފުރުސަތު ފަހިކުރުމަށް މެންގްރޯވް އެކްޝަން ޕްރޮޖެކްޓާއި ގުޅިގެން މަސައްކަތް ފެށުނެވެ. އަދި މި މަސައްކަތުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި މުހިންމު މައުލޫމާތު ތަކެއް އެއްކުރުމަށްޓަކައި ފީލްޑް ސާވޭ އަކާއި ރަށުރައްޔިތުންނާއި ބައްދަލު ކުރުމުގެ ހަރަކާތެއް ރާވައި، ޖޫން މަހުގެ 25 އިން 26 އަށް ހިންގުނެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ސާމްޕަލްތަކާއި އެކިއެކި ތަފާތު އެހެން މައުލޫމާތު ކަނޑޫފަލުންނާއި ރަށުން ހޯދުމަށްޓަކައި ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިޔަރުންގެ ޓީމެއް ނޭކުރެންދޫ އަށް ދަތުރުކުރިއެވެ. ނޭކުރެންދޫ ރަށު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންގެ ފަރާތުން ރަށުގެ ވެށްޓާއި އެ ވެށީގައި އެމީހުން ކޮށްފައިވާ ތަޖުރިބާއާއިގުޅޭ މައުލޫމާތު ހޯދުމަށް ހިންގި ރައްޔިތު ބައްދަލުވުމުގެ ކަންކަމުގައި މި ޓީމުގެ ފަރާތުން އެހީތެރިވެދިނެވެ. ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔައީ ނޭކުރެންދޫގެ ކޯވިޑް-19 ޓާސްކް ފޯސް ގެ އިރުޝާދު ތަކަށް އިސްކަންދީ ގައިދުރު ކުރުމާއި އެހެނިހެން ސަލާމަތީ ކަންކަމަށް ސަމާލުކަން ދީގެންނެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދު ތަކަކީ ނޭކުރެންދޫ ފަލުގެ ކަނޑޫގަސްތައް ގޮތްނޭނގޭ ގޮތަކަށް މަރުވަމުންދާ ސަބަބުތައް ހޯދާ ދެނެގަތުމަށާއި، މި މުހިންމު ޤުދުރަތީ ވަސީލަތް ހިމާޔަތްކުރުމާއިބެހޭ ގޮތުން ރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، މަދަނީ ފަރާތްތަކާއި، ދައުލަތުގެ މުއައްސަސާ ތަކުގެ އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރުމެވެ. މި ހަރަކާތުގެ ތެރެއިން ކުރެވޭ ސާވޭގެ ހޯދުންތައް ރިޕޯޓެއްގެ ސިފައިގައި ތައްޔާރުކޮށް ކަނޑޫފާ ހިމާޔަތްކުރުމަށް އެހީތެރިވެ ދިނުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ހުށަހެޅޭނެއެވެ. އަޅުގަނޑުމެންގެ މި މަސައްކަތް ފެށިފަހުން އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ގެ ފަރާތުން ވެސް ނޭކުރެންދޫ ކަނޑޫފާގެ ހާލަތު ދެނެގަތުމަށް ނޭކުރެންދޫ އަށް ދަތުރުކޮށްފައިވުމަކީ އުފަލާއިއެކު ފާހަގަކުރާ ކަމެކެވެ. އަޅުގަނޑުމެންގެ އުންމީދަކީ ދެ ފަރާތުގެ ހޯދުންތަކުން ލިބޭ މައުލޫމާތު ތަކަކީ ދިމާވެގެން އުޅޭ މައްސަލަ އިތުރަށް ދެނެގަނެ، ކަނޑޫފަލަށް އިތުރު ގެއްލުން ލިބުން ހުއްޓުވޭނެ ހައްލެއް ހޯދި، ކަނޑޫފާ ރައްކާތެރި ގޮތުގައި ހިމާޔަތް ކުރުމަށް ފަހިވާނެ ކަމެއްކަމުގައެވެ.
ސޭވް މޯލްޑިވްސް ކެމްޕޭނުގެ ފަރާތުން ނޭކުރެންދޫ ރަށު ކައުންސިލަށާއި ރަށުގެ ރައްޔިތުންނަށް މި ހަރަކާތުގައި ވެދެއްވި ބައިވެރިވުމަށާއި، މިކަމުގައި ދެއްކެވި ޝައުޤުވެރިކަމަށާއި، އަމަލީގޮތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ. އަދި މިހަރަކާތް ތަންފީޒުކުރުމަށް ކޮމަންވެލްތު ހިއުމަން އިކޮލޮޖީ ކައުންސިލާއި، ނޭކުރެންދޫ ރަށު ކައުންސިލުން ފޯރުކޮށްދެއްވި މާލީއެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުދަންނަވަމެވެ. އަޅުގަނޑުމެންގެ މަސައްކަތަށް ނުހަނު ބޮޑު ޝައުޤުވެރިކަމެއް ދެއްވާ މެޕް އާއި މެންގްރޯވް ސްޕެޝަލިސްޓް ގްރޫޕް ގެ ބައިނަލް އަޤުވާމީ ފަންނީ މާހިރުންގެ އެހީތެރިކަމަށްވެސް ޝުކުރުދަންނަވަމެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމުގެ މަޤްސަދުގައި ކުރާ މި މަސައްކަތް ކުރިއަށްއޮތް ތަނުގައިވެސް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމުގެ އަޒުމުގައި ދެމިތިބީމުއެވެ.